ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށުމާރުކޭޓުން 9 ގޮޅި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މާރުކޭޓު ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.
މި ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި، އެޗްޑީސީ އޮފީސް އިމާރާތުގެ ހުޅަނގުން އެ އިމާރާތާއި ފްލެޓް 12 އާ ދެމެދުގައިވާ ހުސްބިމުގައި ޤާއިމުކޮށްފައިވާ ޓެންޓުގައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ކަރުދާސް އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާއިރު، އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް އެޗްޑީސީން އެދިފައިވެއެވެ.



