އަގު ފެންނަން ނުހުންނަ ގޮތަށް މުދާ ވިއްކާ ވިޔަފާރިތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މުދަލުގެ އަގު ސާފުކޮށް ފެންނަން ނެތި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. މިއީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ޤާނޫނުގައިވާ ގޮތުން ވިއްކަން ބަހައްޓާފައި ހުންނަ ކޮންމެ މުދަލެއްގެ އަގު، ސީދާ އެ މުދަލެއްގައި ނުވަތަ އެ މުދަލެއް ވިއްކަން ބަހައްޓާފައިވާ ތަނުގައި ސާފުކޮށް ފެންނާނެހެން އެނގެން ހުންނަންވާނެއެވެ. އަދި އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ވަކިކުރަން އެނގެން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކޮށް މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. އަދި މި އުސޫލުތަކާ ޚިލާފުވާ ވިޔަފާރިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



