އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ފާތިމަތު ނަބާހާ މިއަދު ކާމިޔާބުކުރައްވައިފިއެވެ. މި އިންތިޚާބުގައި ނަބާހާއާ ވާދަކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު ފާތިމަތު މުނީރެވެ.
ހުޅުދޫގެ އިތުރުން މިއަދު ވަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށާއި، ހއ. ވަށަފަރާއި ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުމަށް ވެސް ބައި-އިލެކްޝަން ބާއްވާފައެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިން ވެސް ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ޝުޖާއު ވަނީ އެ ގޮނޑި ދިފާއުކުރައްވާފައެވެ. ޝުޖާއުއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަމަން މުހައްމަދެވެ.
ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ، އެމްޑީޕީގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަކުރެއްވި ރިޝްމާ އާދަމެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދާ ވާދަކުރައްވައެވެ. ރިޝްމާގެ މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.



