ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް އެޗްޑީސީން ހިންގާ ހަރަކާތްތަކުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށްދީފައެވެ.
އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީތަކުގެ ރެއިލިން ހުރީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް ފެށި މަސައްކަތުގެ ތެރެއިން، ރެއިލިން ހަރުކުރުމުގައި އެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލީ 2026 ސެޕްޓެންބަރު 30 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1,011 އެޕާޓްމަންޓަކުން އެހީތެރިކަމަށް އެދި ހުށަހަޅާފައިވެއެވެ.
އެޗްޑީސީން ބުނީ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުނިމި ހުރި އެޕާޓްމަންޓްތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މި އަހަރުގެ ސެޕްޓެންބަރު 3 ގައެވެ.
އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.



