ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދެވޭނީ ހަމައެކަނި ޤާއިމުވެ ތިބޭ ފުލުހުންގެ އަދަދު އިތުރުކޮށްގެން ނޫން ކަމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ހދ. ކުމުންދޫގައި އަލަށް ޢިމާރާތްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ސީޕީ ވަނީ ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވައި ފުލުހުންގެ ދިދަ ނަންގަވައިދެއްވާފައެވެ. އަދި ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ. ސީޕީގެ ވާހަކަފުޅުގައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އޯގާތެރިކަމާއި ޕްރޮފެޝަނަލް މިންގަނޑުތަކުގެ ތެރެއިން ޤާނޫނީ ޒިންމާ އަދާކުރުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، އިތުރު ފުލުހުން ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ކުމުންދޫގައި ތިބޭ ފުލުހުންގެ އަދަދު ވެސް އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ކުރިން ކައުންސިލް އިދާރާތަކާއި ކުއްޔަށް ހިފާ ތަންތަނުގައި ފުލުހުން ޚިދުމަތް ދެމުން ދިޔަ ދިއުން ބަދަލުކޮށް، ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ކައުންސިލާއި ރައްޔިތުން ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
ކުށް މަދު ރަށްރަށުގައި ވެސް ފަރުވާކުޑަނުކޮށް، ކުށް ހުއްޓުވުމަށާއި ޢާންމު ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިތިބުމަށް ސީޕީ ފުލުހުންނަށް އިރުޝާދު ދެއްވިއެވެ. ހަމައެއާއެކު، ފުލުހުންގެ ތަރައްޤީއަށް ދެއްވާ އެއްބާރުލުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި ޕްލޭންތައް އެކުލަވާލުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.



