ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު، އައިވާން-އީ-ޞަދްރުގައެވެ.
ރިޔާސީ ގަނޑުވަރަށް ރައީސް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ރައީސް ޒަރްދާރީ އަދި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ޤައުމީ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސް ވެރިންގެ ވަކިވަކި މަޝްވަރާތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ފާހަގަކުރައްވައި، ވިޔަފާރި، ތަޢުލީމު، ޞިއްޙަތު އަދި ތަމްރީނުގެ ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ރައީސް ޒަރްދާރީ ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، މި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ވިދާޅުވެފައެވެ.
މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ވެރިޔަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވަނީ މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.



