ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި، ގައުމީ ވަތަނީ ހިދުމަތުގެ ހަތަރު ވަނަ ބުރުގެ ތަމްރީނުތައް 352 ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ. މި ދައުރުގެ ތަމްރީނުތައް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
ރާއްޖޭގެ 20 އަތޮޅެއްގެ 125 ރަށަކުން 288 ފިރިހެނުންނާއި 64 އަންހެނުން ބައިވެރިވާ މި ޕްރޮގްރާމް 14 ހަފުތާގެ މުއްދަތަށް ކުރިއަށްދާނެއެވެ. މިއީ ގައުމީ ލޯތްބާއި ޒިންމާދާރުކަން އަށަގަނެފައިވާ އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ލީޑަޝިޕާއި، އަލިފާން ނިއްވުމާއި އަދި ފުރަތަމަ އެހީގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ތަމްރީނު މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



