ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީގެ އެދިވަޑައިގަތުމަކަށް، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް 250،000 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ އަގުހުރި ޒަރޫރީ ބޭހުގެ އެހީ ފޯރުކޮށްދީފިއެވެ.
މި އެހީ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ. މި ރަސްމިއްޔާތުގައި އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދާ ބޭހުގެ ޝިޕްމަންޓް ހަވާލުކުރައްވާފައެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޜަނާއި، ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިންގ ކޯޕަރޭޝަންގެ އިތުރުން ޗެމްބަރ އޮފް ދަ ފާމަސޫޓިކަލް އިންޑަސްޓްރީން ވަނީ ބައިވެރިވެފައެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު ހައިކޮމިޝަނަރު މަސްއޫދު އިމާދު ވަނީ ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.



