ރާއްޖޭގެ ދެކުނުގެ ރަށެއްގައި ޒުވާން އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ކަރާމާތް ރައްކާތެރިކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ގޮވާލައިފިއެވެ.
ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ވަނީ، އަނިޔާ ލިބުނު ފަރާތްތައް ދެނެގަނެވޭ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމުންނާއި މީޑިއާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެފަދަ މައުލޫމާތު އާންމުކުރުމަކީ އެ ފަރާތްތަކުގެ ގަދަރާއި ކަރާމާތަށް އުނިކަން އައިސް، އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއް ކަމަށް އެޗްއާރްސީއެމުން ފާހަގަކުރިއެވެ.
އެ ކޮމިޝަނުން މިކަމަށް ގޮވާލާފައިވަނީ، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކި ވާހަކަތަކާއި ތަފުސީލުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަނިޔާ ލިބުނު ފަރާތްތައް އިތުރު ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި، މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކޮށް، ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލައިފައެވެ.
ފުލުހުންގެ އަޕަ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ހިނގި މި މައްސަލަ، މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.



