ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން މިނިސްޓްރީ އޮފް ޑިފެންސްގެ އިސްވެރިންނާ ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި ގަސް އިންދުމުގެ ޚާއްޞަ ބޮޑު ހަރަކާތެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހިކަން އިތުރުކުރުމަށްޓަކައި އެ ވުޒާރާއާއި މި މަޝްރޫޢުގެ ޓީމު ގުޅިގެން ކުރިއަށްގެންދާނެ ހަރަކާތްތައް ރޭވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރިއެވެ.
މީގެއިތުރުން، މި ޤައުމީ މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިފާޢީ ވުޒާރާއާއި ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމު ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިސްކަންދީގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.



