ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިމެނޭހެން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ “މޯލްޑިވްސް ބިޒްނަސް އެކްސްޕޯ” ގެ ހަވާސާގައި ބޭއްވި “ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” ގެ ތެރެއިންނެވެ.
މި ފޯރަމްގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި:
އިޤްތިޞާދީ ގުޅުން ބަދަހިކުރުން: އިޤްތިޞާދީ ވުޒާރާއާއި ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ވެވުނު އެއްބަސްވުން.
ދަނޑުވެރިކަމާއި ދިރާސާ: ދިރާސާކުރުމާއި، ތަމްރީނު އަދި ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
މަސް އެކްސްޕޯޓްކުރުން: ގަނޑުކުރި މަސް ޗައިނާއަށް ބޭރުކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
އަސާސީ މުދާ އެތެރެކުރުން: އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ އެތެރެކުރުމުގައި އެހީތެރިކަން ހޯދުމަށް އެސްޓީއޯއާއި ސިނޮމެކް ހައިނާންއާ ދެމެދު ވެވުނު އެއްބަސްވުން.
މަހުގެ އުފެއްދުންތައް ފުޅާކުރުން: މަހުގެ އެކި ބާވަތްތައް އެކްސްޕޯޓް ކުރުމަށްޓަކައި ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާންއާ ދެމެދު ވެވުނު އެއްބަސްވުން.
މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



