ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރެއް ދެއްކި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ ރޭ ދަންވަރުގެ ވަގުތެއްގައި ވިނަރެސް ޓަވަރެއްގެ ބޭރު ސްކްރީނުން އަންހެނެއްގެ ބަރަހަނާ ފޮޓޯއެއް ފެންނަ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ، ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑުގައި ބަރަހަނާ މަންޒަރެއް ހުރި ކަމުގެ ރިޕޯޓް ރޭ ދަންވަރު 3:23 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ޑިސްޕްލޭވާން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.
ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ބަރަހަނާ ތަކެތި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، އެފަދަ ތަކެތި އާންމުކޮށް ފެތުރުމަކީ މަނާ ކަމެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ 9 މަހާއި 2 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.



