ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބައެއް ދޫކުރި ނަމަވެސް، އެ މަޝްރޫޢުން ބޯހިޔާވަހިކަމަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ބިން ދެވޭނެ ޖާގަ އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްޤީ ކުރަން ނިންމި ނަމަވެސް ރައްޔިތުންނަށް ލިބޭ ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން ޝަރުތު ހަމަވާ އެންމެންނަށް ވެސް ބިން ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން، އެ ފަރާތްތަކުން މަސައްކަތް ކުރަނީ މި މަޝްރޫޢު ހުއްޓުވަން ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. އަދި އިދިކޮޅުން އެކަން ކުރަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދި، ޤައުމުގެ އިޤްތިޞާދަށާއި ކްރެޑިޓް ރޭޓިންގއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ނިމިގެންދާއިރު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ ސަރަޙައްދު ފުރިހަމަ ސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށެވެ.



