އަންނަ 2027 ވަނަ އަހަރަށް ދައުލަތުން ލަފާކުރަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، މިއީ 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 7 އިންސައްތަ ކުޑަ އަދަދެއް ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 64.2 ބިލިއަން ރުފިޔާއެވެ.
މާލީ ވަޒީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 33.6 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 9.1 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 349.3 މިލިއަން ރުފިޔާ
ޚަރަދުތަކަށް ބަލާއިރު، އަންނަ އަހަރު ޖުމްލަ 52.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރު އެ ބަޔަށް ހޭދަވާނެ ކަމަށް ބެލެވެނީ 42.5 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ކެޕިޓަލް ޚަރަދުންނެވެ. އެގޮތުން މިއަހަރު ކެޕިޓަލް ޚަރަދަށް 6.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު އެ އަދަދު 9.8 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެހެނިހެން ހޭދަތަކަށް އަންނަ އަހަރު ކަނޑައަޅާފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ ޑެފިސިޓަކީ 7.5 ބިލިއަން ރުފިޔާއެވެ. ޑެފިސިޓް ފޫބެއްދުމުގައި އެތެރޭގެ ބާޒާރުން ދަރަންޏަށް ނަގާ މިންވަރު ކުޑަކުރުމަށް ވަނީ އިސްކަންދީފައެވެ. އެގޮތުން އެތެރޭގެ މާކެޓުން ނަގާ ދަރަނި މިއަހަރުގެ 19.2 ބިލިއަން ރުފިޔާއިން 11.9 ބިލިއަން ރުފިޔާއަށް ތިރިކުރުމަށް ވަނީ ރާވާފައެވެ. އަދި ބޭރުގެ ފަރާތްތަކުން އަންނަ އަހަރު 6.9 ބިލިއަން ރުފިޔާ ފައިނޭންސް ކުރަންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.



