މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ކުރިއަށްގެންދާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ބުރިޖުން ގުޅައިލައިފިއެވެ. މި މުހިންމު ކުރިއެރުން ހާމަކުރައްވައި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މި މަސައްކަތުގައި ހޯދުނު ކާމިޔާބީ ފާހަގަކުރައްވައިފައެވެ.
ވަޒީރު ވިދާޅުވީ މާލެއާއި ވިލިމާލެ ކުރިން ގުޅައިލެވިފައިވާއިރު، ވިލިމާލެއާއި ގުޅިފަޅު ބުރިޖުގެ ޒަރީޢާއިން ގުޅައިލެވުމަކީ މުޅި މަޝްރޫޢަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށާއި މަޝްރޫޢުގެ މުޅި ޓީމަށް ވަޒީރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި ވެދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ނުވަތަ “ތިލަމާލެ ބްރިޖު” މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.
އިންޑިއާގެ 500 މިލިއަން ޑޮލަރުގެ މާލީ އެހީ، ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.



