ދުނިޔޭގައި ރިޕޯޓުކުރެވޭ ޓިއުބަކިއުލޯސިސް (ޓީބީ) ބަލީގެ ކޭސްތަކުގެ 40 އިންސައްތައަށްވުރެ ބޮޑުބައި ހިއްސާކުރަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ގްލޯބަލް ފަންޑުގެ 56 ވަނަ ބޯޑު ބައްދަލުވުމުގައި 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޢާއިޝަތު ސާމިޔާއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސާމިޔާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ ބަޖެޓުތައް ކުޑަކުރުމަކީ ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢުގެ އެކި ގްރޫޕުތައް ރައްކާތެރިކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ބަޖެޓު ކުޑަވެގެން ދިއުމަކީ އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔެއިން ޓީބީ ނައްތައިލުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއް ސަރަޙައްދަކީ ދެކުނު އިރުމަތީ އޭޝިއާ ކަމުގައިވާއިރު، އެކަށީގެންވާ ވަސީލަތްތަކާއި ބަޖެޓު ކަށަވަރުކުރުމަކީ ބަލި ކޮންޓްރޯލްކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.



