ގދ. ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސާއި ތިނަދޫ ޕޮލިސް ގުޅިގެން ހިންގި ހަރަކާތެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ތިނަދޫގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވާއިރު، 6.3 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، މިނިވަންއައްސޭރި، އަޙްމަދު ހާޝިމް (36އ)، ވެހަފުލާ، އަތޫފް އަޙްމަދު (25އ)، ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ) އަދި ގައްދޫ، ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ) އެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހަކަށްވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



