ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.
މި ރަސްމިއްޔާތުގައި ނަޞްރުގެ ދުވަހަށް ޚާއްޞަކޮށްގެން ތައްޔާރުކުރި އަސްކަރީ ހުށަހެޅުމަކާއި ސިފައިންގެ މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް ދައްކާލާފައިވެއެވެ. އަދި ހަރަކާތް ނިންމާލުމުގެ ގޮތުން އެ ހަރަކާތުގައި ބައިވެރިވި ސިފައިންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
މި އިވެންޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



