ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލައި ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމަށް ތަޢުލީމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ފުރަތަމަ ކިޔުން އިއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތު ވަޒަންކުރުމަށް ހަދާ އެސެސްމެންޓަކަށް ބިނާކޮށް، ގޭގައި ތަޢުލީމު ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި އުސޫލުތައް ކަނޑައެޅުމެވެ. އެގޮތުން ޖިސްމާނީ، ނަފްސާނީ ނުވަތަ އެނޫންވެސް ޚާއްޞަ ހާލަތެއް މެދުވެރިވެފައިވާ ދަރިވަރުންނަށް މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގެ ބަހުސް މަރުޙަލާގައި ވާހަކަދެއްކެވި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވިދާޅުވީ، މިއީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ދަރިވަރުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބިލާ މެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަޞައްވުރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަނުދެއްކުމަށް މެންބަރުން ގޮވާލެއްވިއެވެ.
ހޯމް-ސްކޫލިންގެ އިތުރުން، މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބަޔާންކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ބޭނުންވާ އިސްލާޙުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.



