އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްނުވެ، އެ މައްސަލަ މަޖިލީހުން ބޭރުވެއްޖެއެވެ.
މި ޖަލްސާގައި މި މައްސަލަ ފާސްކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި، ވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށް 54 މެންބަރަކު ވޯޓު ދެއްވިއިރު، އެ މައްސަލަ ފާސްކުރުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ވަޒީރު ސަޢީދު މަސްއޫލިއްޔަތުތަކާ ޚިލާފުވެވަޑައިގެން، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތު ދަތި ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި އިންވެސްޓަރު ފޯރަމްތައް ބޭއްވުމަށާއި، މަޝްރޫޢުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ ޢަދަދެއްގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް އެމްޑީޕީގެ މެންބަރުން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ވޯޓާއެކު މި މައްސަލަ ވަނީ ބޮޑު އަޣުލަބިއްޔަތަކުން ބޭރުކޮށްލާފައެވެ.



