މިއަހަރުގެ އޮކްޓޫބަރު 29 ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ނަމަވެސް އެ މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު 38.99 ބިލިއަން ރުފިޔާއަށް އަރައި ބަޖެޓު ޑެފިސިޓް 4.47 ބިލިއަން ރުފިޔާގައި ހުރި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އާންމުކޮށްފައިވާ ހަފުތާގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރު ލިބުނު އާމްދަނީއަކީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރުގެ މި މުއްދަތުގައި ޕްރައިމަރީ ބެލެންސްގެ ޑެފިސިޓް ހުރީ 0.33 ބިލިއަން ރުފިޔާގައެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީ 9.1 އިންސައްތަ އިތުރުވެ، 26.70 ބިލިއަން ރުފިޔާއަށް އެރުމެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 5 އިންސައްތައިގެ ކުރިއެރުމަކާއެކު 9.32 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން:
ވިޔަފާރިއާއި މުދަލުގެ ޓެކްސް: 23.7 އިންސައްތައިގެ ކުރިއެރުމަކާއެކު 6.07 ބިލިއަން ރުފިޔާ
އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީޖީއެސްޓީ): 4.63 ބިލިއަން ރުފިޔާ
އިމްޕޯޓް ޑިއުޓީ: 12.3 އިންސައްތަ އިތުރުވެ 2.90 ބިލިއަން ރުފިޔާ
ގްރީން ޓެކްސް: 2.3 އިންސައްތައިގެ ކުރިއެރުމަކާއެކު 1.88 ބިލިއަން ރުފިޔާ
ރިސޯޓް ކުލި އިތުރުވުމާ ގުޅިގެން މުދަލުން ލިބުނު އާމްދަނީ 28.2 އިންސައްތަ އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، ޖުމްލަ ގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 8.8 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 0.53 ބިލިއަން ރުފިޔާއެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުތަކަށް 33.68 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 16.9 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ޚަރަދުގެ ތެރޭގައި އިދާރީ އަދި ހިންގުމުގެ ޚަރަދަށް 20.28 ބިލިއަން ރުފިޔާ އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އެހީއާއި ސަބްސިޑީއަށް 10.81 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އޭގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އަދި ކައުންސިލްތަކުގެ ގްރާންޓަށް 2.08 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެ ޚަރަދު ވަނީ 12 އިންސައްތަ އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 4.63 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 35.4 އިންސައްތަ އަދި ފާލަންތަކާއި ބަނދަރުތަކަށް ކުރި ޚަރަދު ވަނީ 20.1 އިންސައްތަ އިތުރުވެފައެވެ.



