މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުޙައްމަދު ފަރުޝަތު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މެންބަރުން ކަނޑައަޅާ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ފުރިފައިވުމާއެކު ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން މީޑިއާ ދާއިރާގެ ވިޔަފާރި ހިއްސާއެއް އޮތް މީހަކަށް ނުވުން ހިމެނެއެވެ. އަދި ޖިނާއީ ބޮޑެތި ކުށްތަކާއި ހިޔާނާތާއި ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަސް ކަމަށްވާއިރު، އެއްވެސް ފަރާތަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުދެމިހުރެވޭނެއެވެ. އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަމާގުޅޭ ލިޔެކިޔުންތަކާއެކު މި މަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި އެމްއެމްބީސީއަށް ރައްޔިތުންގެ މަޖިލީހުން ކުރިން އައްޔަންކުރެއްވި ތިން މެންބަރުންނަކީ އިސްތިއުފާ ދެއްވި ފަރުޝަތުގެ އިތުރުން ބްރޯޑްކޮމްގެ ކުރީގެ ރައީސް ސޮފާ ޝަފީޤާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އައިމިނަތު ސަރާހަތު ޢިއްޒަތެވެ. ދެން ތިއްބަވާ ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބަކާ ނުލައި ހޮވުނު އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.



