ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޙަފްލާގައި، އިސްލާމީ ޔުނިވަރސިޓީން މަތީ ވަނަތައް ޙާޞިލުކުރި 9 ދަރިވަރަކަށް އިނާމާއި އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި ރަސްމިއްޔާތު ނިންމަވާލެއްވުމުގެ ގޮތުން އެކަމަނާ ވަނީ ދަސްވެނިންނާއެކު ނެގި ހަނދާނީ ގްރޫޕު ފޮޓޯއެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
އައިޔޫއެމްގެ މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ހަތަރު ކުއްލިއްޔާއަކުން ޖުމްލަ 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، ކުއްލިއްޔާ އޮފް އެރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ދަރިވަރުންނެވެ.



