ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ވެސް ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ. މިއީ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ގެނައި ބަދަލެކެވެ.
މީގެ ކުރިން 65 އަހަރުން މަތީގެ މީހުންނަށާއި، ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރޭ މީހުންނަށް މި ފުރުޞަތު ނޯވެއެވެ. ނަމަވެސް ގެނައި އައު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ސްކީމުގެ ދަށުން ޙައްޖަށް ޖާގަ ރިޒާވްކުރުމުގެ މައިގަނޑު ޝަރުތަކީ މީގެ ކުރިން ފަރުޟު ޙައްޖެއް އަދާކޮށްފައި ނުވުމާއި، ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރުމެވެ. ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަންޖެހޭނެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ޖާގަ ރިޒާވްކޮށްދޭނެއެވެ. އެ ފައިސާ ވަގުތުން އެކައުންޓުން އުނިނުވާނެ ކަމަށާއި، ޙައްޖު ކޯޕަރޭޝަނާ ޙަވާލުކުރުމާ ހަމައަށް އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.
ޙައްޖަށް ފައިސާ ރިޒާވްކުރުމުން މަހުން މަހަށް ލިބޭ ޕެންޝަން ފައިސާގެ ޢަދަދު ހިސާބުކުރާއިރު އެ ފައިސާ ނުހިމެނޭނެތީ، ލިބޭ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ރިޒަވޭޝަން ކެންސަލްވެ ފައިސާ އަނބުރާ ޖަމާވެއްޖެނަމަ، އަލުން ޕެންޝަން ހިސާބުކުރެވޭނެއެވެ.



