މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ސޯޝަލް ވެލްފެއާ އިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި “ހެލްތް އެކްސްޕޯ 2026” ގެ ތެރެއިން، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްޓޯލުން “ދުޅަހެޔޮ އިސްރަށްވެހިން” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު ހަވީރު 5:00 ގައި ފެށި މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ ސްޓޯލުން އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ހިންގާ ހަރަކާތްތަކާއި، އާއިލީ އަދި މުޖުތަމައުގެ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ސްޓޯލުން އެންމެ ބޮޑު އިސްކަމެއް ދެނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކޮށް، އެކަނިވެރިކަމާއި އެކަހެރިކަން ކުޑަކުރުމަށް ބާރުއެޅުމަށް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ނޮވެމްބަރު 16 ގައި ފެށުމަށް ހަމަޖެހިފައިވާ “ދުޅަހެޔޮ އިސްރަށްވެހިން” ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް، އެއް މަސް ދުވަހުގެ ބެޗުތަކަކަށް ބަހާލައިގެން ހިންގުމަށް ރޭވިފައިވާ ހަރަކާތެކެވެ. މިގޮތުން ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމްލަ 12 ސެޝަން ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި އިސްރަށްވެހިންގެ އުމުރާ ގުޅޭ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ހިމެނެއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ހުޅުމާލެއަކީ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް ވެސް ހިތްފަސޭހަ، އެކުވެރި މާހައުލެއްގެ ގޮތުގައި ބިނާކުރުމެވެ. އެހެންކަމުން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކޮށް، މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނިން ވަނީ އާންމުންނަށް ދައުވަތު ދީފައެވެ.



