ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި “ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ނެރުއްވި ޤަރާރަކުންނެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި އަދި އިއާދަކުރަނިވި ހަކަތައަށް އިސްކަންދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކޮށް ހިންގުމެވެ. އަދި ދިވެހިންނަށް ވަޒީފާއާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމާއެކު، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މަންފާއެއް ހޯދައިދެވޭނެ އިންވެސްޓްމަންޓްތަކެއް ބިނާކުރުމެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށާއި، މި ރިސޯޓުތަކުގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ޤާނޫނުން ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.



