ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އޭގެ ކެޕްޓަން ފިހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރުއެވެ. އަދި މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 05:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ އޭގެ ކެޕްޓަން އެކަންޏެވެ. އަލިފާން ރޯވުމުގެ ސަބަބުން އުމުރުން 34 އަހަރުގެ އެ ދިވެހި ފިރިހެން ކެޕްޓަނުގެ ކަރާއި މޭމަތި ވަނީ އެކި ވަރަށް ފިހިފައެވެ. އޭނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި އަލިފާނުގެ ސަބަބުން އެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



