މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި، މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި މާލެ އޭރިއާ ކޮމާންޑް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި، ފެން ވަންނަ ގެތަކުގެ ކުރިމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ވާރޭ ވެހުން މެދުނުކެނޑި ކުރިއަށްދާތީ، މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރަށާއި އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމުގެ މަގުސަދުގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
ވިއްސާރައިގެ ސަބަބުން މަގުތަކުގެ ހާލަތު ގޯސްވެ، ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިވެދާނެތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



