ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ސިލްސިލާކޮށް ގެނެސްދޭ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިއްކާފައިވާ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ގާއިމުކުރުމަކީ ބިން ހިއްކުމަށް ދިޔަ ހަރަދަށް ވުރެ ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމަށެވެ. އެގޮތުން ގުޅިފަޅުގައި އަސާސީ ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް މަގުތައް ހެދުމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ މަސައްކަތް ލަސްވަމުންދާތީ، އާންމުންނަށް ދޫކޮށްފައިވާ ބިންތަކުގައި އަވަހަށް އާބާދުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނިންމީ އެމްޓީސީސީ އާއި ޕަބްލިކް ވޯކްސް ގުޅިގެން ވީހާ ވެސް އަވަހަކަށް ގުޅިފަޅުގެ ފެނާއި ނަރުދަމާ ނެޓްވޯކުގެ މަސައްކަތް ފެށުމަށެވެ. މީގެ އިތުރުން، ގުޅިފަޅާއި ހުޅުމާލެ 3 އިން ދޫކޮށްފައިވާ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން 100 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު އެ މަސައްކަތް މެދުކެނޑުނު ނަމަވެސް، މިހާރު އަލުން މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ބާކީ ބައި ހިއްކައި ނިމެންވާއިރަށް ބިންތަކުގެ ސާވޭ ނިންމައި ގޯތިތައް ހަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.



