އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ތުރުކީވިލާތުގެ އަންތާލިޔާގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނެއެވެ. މީގެ އިތުރުން، ސަމިޓުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ އެކި މަޝްވަރާތަކާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެކި ގައުމުތަކުގެ ވެރިންނާ އެކު ދޭދޭ ބައްދަލުވުންތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި މަންދޫބުން ބައްދަލުކުރާ މުހިންމު ޕްލެޓްފޯމެކެވެ. މޫސުމީ ގޮންޖެހުންތަކަށް ޖަމާއީ ހައްލުތަކެއް ހޯދުމަށް ވިޔަފާރިވެރިންނާއި، ސައިންސްވެރިންނާއި، ޒުވާނުން އަދި މަދަނީ ޖަމިއްޔާތައް ވެސް މި ސަމިޓުގައި ބައިވެރިވެ އެ ފަރާތްތަކުގެ ހޯދުންތައް ހިއްސާކުރާނެއެވެ.



