ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ސީޝެލްސްގެ ނައިބު ރައީސް ސެބެސްޓިއަން ޕިލޭ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ކުދި ޖަޒީރާ ގައުމުތަކަށް އެހީ ހޯދުމަށް ދެ ގައުމު ގުޅިގެން ވަކާލާތުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ވަޑައިގެންނެވިއިރު، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ގައުމީ ބަޔާން އިއްވެވުމުގެ އިތުރުން، އެކި ގައުމުތަކުގެ ވެރިންނާ އެކު ދޭދޭ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ނޮވެމްބަރު 9 އިން 20 އަށް އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ލީޑަރުންގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 11 އަދި 12 ގައެވެ.



