ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށާއި މާލީ ނިޒާމު އިސްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް-31) ގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް މައިގަނޑު ގޮތެއްގައި ބާރުއެޅުއްވީ މާލީ އެހީތެރިކަމާއި، ނިޒާމީ އިސްލާޙީ ބަދަލުތަކާއި އަދި ކަންކަން ތަންފީޒުކުރުމުގެ މައްޗަށެވެ. އެގޮތުން މޫސުމީ ކާރިސާތަކަށް ހޭނުމަށް ބޭނުންވާ ފައިސާއަކީ ލޯނުގެ ބަދަލުގައި އިތުބާރު ހުރި ހިލޭ އެހީއަކަށް ހެދުމަށާއި، ގްރީން ކްލައިމެޓް ފަންޑާއި، އެޑަޕްޓޭޝަން ފަންޑު އަދި ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާ އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ކާރިސާއެއް އުފެއްދުމުގައި ކުށެއް ނެތް ނާޒުކު ޤައުމުތަކުން ސަލާމަތްވުމަށްޓަކައި ދަރަނިވެރިވާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް ރިޢާޔަތްކޮށް، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައެއްގެ ބަދަލުގައި އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭޝިއާގެ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ގްރީން ކްލައިމެޓް ފަންޑުގެ ‘ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ’ އެކްރެޑިޓޭޝަން ހޯދި ފުރަތަމަ ޤައުމަކީ ރާއްޖެ ކަމަށެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް، ކާބޯތަކެއްޗާއި ފެނާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ، މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދީ ސިޔާސީ ސާބިތުކަން ދެއްކުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާފާއި ޒިންމާދާރުކަން ކުރިއަރުވައި ވެފައިވާ ވަޢުދުތައް ފުއްދުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވަމުންނެވެ.



