ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމަށް 2017 ވަނަ އަހަރު އުފެއްދެވި “ޒީރޯ ވޭސްޓް ފައުންޑޭޝަން” ގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މެޑަމް ސާޖިދާއާ ހިއްސާކުރެއްވިއެވެ. އަދި މި ހަރަކާތް އިތުރަށް ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
އެމިނޭ އުރުދުޣާން ވަނީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި “ޒީރޯ ވޭސްޓް” ހަރަކާތެއް ކުރިއެރުވުމަށް އިސްނެންގެވުމަށް މެޑަމް ސާޖިދާއަށް ހިތްވަރުދެއްވާފައެވެ. އަދި މިފަދަ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކާއި އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށާއި ކުނި މަދުކުރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.



