ހަކުރުބަލި ކުރިއާލައި ދެނެގަނެވި، ބަލިމީހާގެ ހާލަތަށް ބެލުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ކަށަވަރުކޮށްދޭ ވެށްޓެއް ރާއްޖޭގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ފަސްޓް ލޭޑީ މިކަމަށް ގޮވާލެއްވީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 14 ގައި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައެވެ.
އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ހަކުރުބައްޔާ އެކު ދިރިއުޅުމަކީ ދުވަހުގެ އާދަކާދަތައް ވަކި ނިޒާމަކަށް ފައްތައި، ސިއްހަތަށް ފައިދާހުރި ކާނާއާއި ދިރިއުޅުމުގެ ރަނގަޅު ވައްޓަފާޅިއެއް ޚިޔާރުކުރުމާއެކު މުޅި އުމުރަށް ދެމިގެންދާ ފަރުވާއަކަށް ސަމާލުކަން ދޭންޖެހޭ ދަތި ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތްތަކާ ކުރިމަތިލާންޖެހޭކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
“ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު، ބަލިމީހުންގެ ތަފާތު ތަޖުރިބާތަކުގެ އަލީގައި، ފުރާނަ ސަލާމަތްކުރުމަށާއި ބަލީގެ ވޭން ލުއިކޮށްދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ހަނދާންކޮށްދެމެވެ،” ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މީގެއިތުރުން ބަލިމީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ގަވާއިދުން ޓެސްޓުތައް ހެދުމަށް ބާރުއެޅުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވަނީ ހަކުރުބަލި ކުރިއާލައި ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އޯގާތެރި އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ފަދަ ވެށްޓެއް ގާއިމުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.



