މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދޭ މާލީ އެހީތެރިކަން އަވަސްކުރުމަށް، ކޮޕް-31 ސަމިޓުގެ ހަވާސާގައި ޖަރުމަނުގެ ޑޮއިޗެ ވެލެ (DW) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.
މި އިންޓަވިއުގައި މިނިސްޓަރު ވަނީ މޫސުމީ ކާރިސާތަކުން ގެއްލުންވާ ޤައުމުތަކަށް އެހީވުމަށް އުފައްދާފައިވާ “ލޮސް އެންޑް ޑެމޭޖް ފަންޑު” ވީ އެންމެ އަވަހަކަށް ފުރިހަމައަށް ހިންގަން ފެށުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ، އިތުބާރު ހުރި ހިލޭ އެހީގެ ނިޒާމެއް ޤާއިމުކުރުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މައިގަނޑު ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވައި، އެ އަމާޒަށް ވާސިލުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ނުހަނު ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



