މި ދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ދުވަސްވަރު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެހެންކަމުން، މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން ފަދަ އާންމު ސާފުތާހިރުކަމުގެ ރަނގަޅު އާދަތައް ހިފެހެއްޓުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
އިންފުލުއެންޒާ ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ކަރުގައި ރިހުމާއި، ނޭފަތް ބެދުމާއި ފެންއައުމުގެ އިތުރުން ގައިގައި ރިއްސުމާއި މާބޮޑަށް ވަރުދެރަވުން ހިމެނެއެވެ.
މީގެއިތުރުން، ރޯގާޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސްވާއިރު ވެސް ހާލަތު ރަނގަޅުނުވާނަމަ ނުވަތަ ބަލީގެ އުނދަގޫތައް ބޮޑުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.



