ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހައިކޮމިޝަނަރުގެ ދައުރުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމަށް ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، އެމަނިކުފާނު ފަހުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ބަދަހިވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށާއި ތަރައްޤީއަށް ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންމެ މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.



