ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން 39 ފަރާތަކުން ބައިވެރިވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގައުމީ ފެންވަރުގައި އަލަށް ފެށި މި ބޯހިމެނުމުގެ ސަބަބުން މި ދާއިރާގެ މުހިންމު ތަފާސްހިސާބުތައް އެއްކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެވޭނެއެވެ. އަދި މި މައުލޫމާތުތަކުގެ އަލީގައި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ، ހދ އަދި ށ. އަތޮޅުގެ 12 ރަށެއްގައި ނަމޫނާ ގްރީން ހައުސް ގާއިމުކޮށް، ދަނޑުވެރިންނަށް ވަނީ ޓެކްނިކަލް ތަމްރީނުތައް ދީފައެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ޖުމްލަ 1,062 ދަނޑުވެރިން ތަމްރީނުކޮށްފައިވެއެވެ.
މީގެއިތުރުން، ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ކ. ކާށިދޫ ހިމެނޭހެން 5 ރަށެއް ދަނޑުވެރިކަމަށް ދޫކޮށްފައިވާއިރު، މި ސިނާއަތް ކުރިއެރުވުމަށް މީހުން ބިނާކުރުމުގެ އިތުރުން ލޯނު ދޫކުރުން ފަދަ މާލީ އެހީތެރިކަންވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ.



