އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ގާތްގަނޑަކަށް ފަސް މިނެޓުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލި އެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ތާއިދުކުރެއްވިއިރު، ކޮމިޓީން މި ބަޖެޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު އަންނަ އަހަރުގެ ބަޖެޓަކީ ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ހޭދަ ވަނީ އިތުރުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެ ދާއިރާއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.



