ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ކޮމިޓީން ނިންމީ، ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަކަށް، އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. އަދި އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އެއްކޮށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އާންމުކޮށް ބޮޑެތި ބިލުތަކަށް ހަފުތާއެއް ދިން ނަމަވެސް މި ބިލަށް ގިނަ ފަރާތްތަކެއްގެ ހިޔާލު މުހިންމު ކަމަށެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން މަޖިލީހަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަސްމާލޭގެ ސަރަހައްދުތައް ބޭރު ފަރާތްތަކަށް ކުއްޔަށް ދޫކުރި ނަމަވެސް އެތަނެއްގައި ހިނގާނީ ރާއްޖޭގެ ގާނޫނުތަކެވެ. އަދި ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންނެވެ.
މީގެއިތުރުން، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިންގި ނަމަވެސް، އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް ބިލުގައި ޝަރުތުކޮށްފައިވެއެވެ. އެގޮތުން، އެ ޒޯނުގެ ފަތުރުވެރިކަމުގެ އެއްވެސް ތަނެއްގައި ބަނގުރަލާއި އޫރުމަސް ގެންގުޅުމާއި ބޭނުންކުރުން މަނާވާނެ ކަމަށާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ބިލުގައި ވަނީ ފާހަގަކޮށްފައެވެ.



