ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގުތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ހޫތީން އެންމެ ފަހުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީގެ ވެރިރަށް ރިޔާޒުގެ އާންމު އަދި އިގުތިސާދީ ތަންތަނަށް ކަމަށެވެ. އެގޮތުން އެ ގައުމުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް އެކިވަރުގެ މާއްދީ ގެއްލުންތައް ލިބިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން ބުނީ ތަކުރާރުކޮށް ދެމުންދާ މިފަދަ ހަމަލާތަކަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު ކަންކަން ކަމަށެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވެ، ސަރަހައްދުގެ ސުލްހަމަސަލަސްކަން ގެއްލޭ ގޮތަށް ދޭ މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ހާރިޖީ ވުޒާރާއިން ދިނެވެ. އަދި ސައުދީގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި މާތްވެގެންވާ ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.



