ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް އިމާރާތުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކާމިޔާބުކަމާއެކު ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 06:21 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.



