ހުޅުމާލެ ދިއްގާމަގު ބީޗް ސަރަޙައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، އެ ސަރަޙައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ހަރަކާތްތެރިވެފައިވަނީ ރޭ 22:50 އެހައިކަންހާއިރު ކަމަށެވެ. އެ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ.
މީގެއިތުރުން، އެމީހާގެ ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށާއި، ފުލުހުން އެ ސަރަޙައްދު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އިތުރު 2 ބަޔޮނެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކުރުމަށްފަހު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަޙައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.



