ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް، ގާތްގަނޑަކަށް 9 އަހަރަށް ފަހު އަލުން ފަށައިފިއެވެ. 2017 ވަނަ އަހަރު ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮތް މި މަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވަނީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.
މި މަޝްރޫއުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު އަމާޒުކޮށްފައިވަނީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމަށެވެ.

މަޝްރޫއުގެ ފުރަތަމަ ބައި ކަމަށްވާ ހުޅުމާލެ ވޯޓަރ ތީމް ޕާކު ތަރައްގީކުރަނީ 17,800 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މޫދާ ގުޅިފައިވާ މި ޕާކުގައި މައިގަނޑު 11 ވޯޓަރ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، ‘ޓޯނޭޑޯ ސްލައިޑް’، 290 މީޓަރުގެ ދިގު ‘ލޭޒީ ރިވަރ’، 900 އަކަމީޓަރުގެ ‘ނިއުމެޓިކް ވޭވް ޕޫލް’، 1,900 އަކަމީޓަރުގެ ‘ސްޕްލޭޝް ޕެޑް’ އަދި ‘ވޯޓަރ ހައުސް’ ހިމެނެއެވެ. އަދި އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ‘ކިޑްސް ބޫމަރޭންގް ސްލައިޑް’، ‘ޓޮޑްލަރ ޕޫލް’، ‘ކިޑްސް ސްލައިޑްސް’ގެ އިތުރުން 200 އަކަމީޓަރުގެ ‘ސްޕާ ޕޫލް’އެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން މޫދު ފެންނަ 230 އަކަމީޓަރުގެ ‘އިންފިނިޓީ ބަބްލް ޕޫލް’އަކާއި، މޫދު މަތީގައި އޮންނަ ‘އިންފްލޭޓަބަލް ޗެލެންޖް ގޭމްސް’، ކޯސްޓަލް ވޯޓަރ ސްލައިޑް، ‘އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް’، ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް، 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތް، 5 ފަންގިފިލާގެ އޮފީސް އަދި އެކޮމޮޑޭޝަން އިމާރާތެއް، ރެސްޓޯރެންޓް، މަލްޓިމީޑިއާ ޒޯން އަދި ޕާކިންގ ސަރަހައްދު ހިމެނެއެވެ.

މަޝްރޫއުގެ ދެވަނަ ބައިގެ ގޮތުގައި ތަރައްގީކުރާ ‘ވޯކޯ ރިސޯޓް ހޮޓެލް’ ހާއްސަކޮށްފައިވަނީ 23,749.7 އަކަމީޓަރުގެ ޖާގައަކަށެވެ. މި ހޮޓަލުގައި 250 ކޮޓަރިއާއި ސުއިޓްގެ އިތުރުން، 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނޭނެއެވެ. މީގެ އިތުރުން 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައަކާއި، ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި، 3,550 އަކަމީޓަރުގެ 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ހުރި އިމާރާތްތައް މަރާމާތުކޮށް ބޭނުންކުރުމުގެ އިތުރުން، ބޭސްމަންޓުގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ހުއްޓިފައި ހުރި އެހެން މަޝްރޫއުތައް ނިންމުން
ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފެށުމަކީ ހުޅުމާލޭގައި ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރި މުހިންމު މަޝްރޫއުތަކެއް ނިންމާލާފައެވެ.
އޭގެ ތެރޭގައި 21 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް މަޝްރޫއު ނިންމައި ހިދުމަތް ދޭން ފެށުމާއި، 2017 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއު ނިންމައި މީހުން ދިރިއުޅެން ފެށުން ހިމެނެއެވެ. މީގެ އިތުރުން ‘ދި ގާޑަން’ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު، 2018 ވަނަ އަހަރުން ފެށިގެން ބޭނުން ނުކޮށް ހުރި ވާޓިކަލް ޕާކިން ނިޒާމުތައް އަލުން ރީކޮމިޝަންކޮށް ވަރަށް އަވަހަށް ބޭނުންކުރަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.



