ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ “ވަރަ އެކްސްޕޯ 2026” ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ. މި އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމްއެވެ.
ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ. ޖުމްލަ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި 158 އެގްޒިބިޓަރުން ބައިވެރިވާއިރު، ވަޒީފާއަށް އެދި ހުށަހެޅުމާއި ތަމްރީނު ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވިދާޅުވީ، މިއަހަރުގެ އެކްސްޕޯއަށް 35،000 އަށް ވުރެ ގިނަ ޒުވާނުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ވަޒީފާގެ ބާޒާރުގެ ފުރުސަތުތައް ފަހިކޮށްދީ، ގާބިލު ޒުވާނުންތަކެއް ބިނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ގައުމުގެ އަމާންކަން ކަށަވަރުކޮށް މަސައްކަތްތެރިން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ކުރިމަގު ބިނާކުރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ “އަމާންކަމާއި ހިދުމަތްތައް ބަދަލުކުރުމުގެ އައު ޒަމާނެއް” ފޮތް ވެސް ވަނީ ނެރެފައެވެ.
މިދިޔަ އަހަރު ބޭއްވި ވަރަ އެކްސްޕޯއަށް ވެސް 30،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއިރު، 1،100 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ވަޒީފާއަށް އެދި 450 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.



