ވާރލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު (ޑަބްލިއު.އައި.އެސް.އެޗް) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ފަސްޓް ލޭޑީ ދޯހާއަށް ވަޑައިގަތުމުން އެކަމަނާއަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް ޢުމަރާއި، ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ޑިޕާޓްމަންޓް އޮފް ޕްރޮޓޮކޯލްގެ ޑިރެކްޓަރ، ސަފީރު އިބްރާހީމް ބިން ޔޫސުފް ޢަބްދުﷲ ފަޚްރޫއެވެ.
ދުނިޔޭގެ ސިއްހީ ދާއިރާގެ އައު އީޖާދުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާ މި ބައިނަލްއަޤްވާމީ ސަމިޓުގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން އަދި ސިޔާސަތު އެކަށައަޅާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގެން ސަމިޓުގައި ބާއްވާ މަތީ ފަންތީގެ ރައުންޑް ޓޭބަލެއްގައި އެކަމަނާ ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ރައުންޑް ޓޭބަލްގެ މަޝްވަރާގެ ސުރުހީއަކީ “2030 ފަހަނައަޅައި އާލަމީ ސިއްހަތު؛ ތިލަވަމުންދާ ސިއްހީ ގޮންޖެހުންތަކާއި، އެކުގައި މަސައްކަތްކުރުމާއި، މެދުފަންތީގެ ބާރުތަކުގެ ދައުރު”އެވެ.



