މިޔަންމާގެ އަސްކަރިއްޔާއިން ކައިވެނި ހަފުލާއަކަށާއި މާރުކޭޓަކަށް އަމާޒުކޮށް އިއްޔެ ދިން ވައިގެ ތިން ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ ކަމަށް މަންޒަރު ދުށް ފަރާތްތަކާއި ސަލާމަތީ އޮފިޝަލުން ހާމަކޮށްފިއެވެ.
މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވީ މިޔަންމާގެ އުތުރުއިރުމަތީ މޯ ބައި ޑިސްޓްރިކްޓުގައި ކައިވެނި ހަފުލާއެއް ބާއްވަން ތައްޔާރުވަމުންދިޔަ ތަނަކަށް ދިން ހަމަލާގައެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ‘ނުވޭ އޫ ޔައުން ޗީ ފައުންޑޭޝަން’ އިން މައުލޫމާތު ދިން ގޮތުގައި، މި ހަމަލާގައި ފަސް ކުޑަކުދިން ހިމެނޭހެން 21 މީހުން ވަނީ މަރުވެފައެވެ. އަދި 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ފުރަތަމަ ބޮން އެޅީ ކައިވެނީގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ. އަދި ސަލާމަތްކުރާ ފަރާތްތައް އެ ތަނަށް ދިޔަ ފަހުން ދެވަނަ ބޮމެއް ވެސް އެ ތަނަށް ވައްޓާލިއެވެ.
މީގެ އިތުރުން ހުޅަނގު ރަޚައިން ސްޓޭޓުގެ މްރައުކް-އޫ އަވަށުގެ މާރުކޭޓަކަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޖަމިއްޔާއަކުން ވަނީ ބުނެފައެވެ. އެ ސަރަހައްދަށް ފަހުން ވެސް އިތުރު ބޮމެއް އަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާތައް ދީފައި މިވަނީ މިޔަންމާގެ މެދުތެރޭ މަގްވޭ ސަރަހައްދުގައި ސްކޫލަކާއި ފައްޅިއަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 29 މީހުން މަރުވިތާ ދެ ދުވަސް ފަހުންނެވެ.
2021 ވަނަ އަހަރު އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލައި އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވި ފަހުން ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މިހާތަނަށް 100،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމަނުޖެހުންތައް މޮނިޓަރކުރާ އޭސީއެލްއީޑީ ޖަމާއަތުން އަންދާޒާކުރެއެވެ.



