ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ 6 އަހަރުގެ އަންހެން ކުއްޖަކު ބަނޑުހޫނުކަމާއި އަދި ބަލި ހާލަތުބޮޑުވެގެން މަރުވުމާއި ގުޅިގެން ގިނަ ބަޔަކު މުޒާހަރާކުރަން ފަށައިފި އެވެ.
ޕާކިސްތާންގެ ސިންދް ޕްރޮވިންސްގައި އޮންނަ ސިއްކަރް ސިޓީގައި ވިއްސާރައިގެ ކާރިސާގައި ގެއްލުން ލިބުނު 200 މީހުން އަންނަނީ މުޒާހަރާކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ރާޒިއާ މަރުވެފައިވަނީ ޕަތްނީ ސަރަހައްދުގައި އޮންނަ އެ ޤައުމުގެ ނެޝަނަލް ހައިވޭ ކައިރީގައި އެހީ ފޯރުކޮށްދިނުމަށް ހަދާފައިވާ ޝެލްޓަރ އެއްގެ ތެރޭގައި އޮވެއެވެ.
މުޒާހަރާ ކުރާ މީހުން ބުނާގޮތުގައި މި ކުއްޖާ މަރުވީ އެހީދޭން އުޅޭ ޖަމިއްޔާއެއް ކަމަށްވާ ރޮހްރީ މުޙްތިއާރްކާރްގެ އޮފިޝަލުންގެ ޒިންމާދާރުކަން ކުޑަކަމުންނެވެ. އަދި ހާލަުގައި ޖެހިފައިވާ މީހުންނަށް ވަގުތަށް ބޭނުންވާނެ ޒަރޫރީ ސާމާނު އަދި ކާބޯތަކެތި ފޯރުނުކޮށްދެވި، އެ މަސައްކަތުން އެ މީހުން ފެއިލްވެފައި ވާކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ.
އޮފިޝަލުން އެހީއަށް ބޭނުންވާ މީހުންގާތަށް އައިސް އެމީހުންގެ މައުލޫމާތުވަނީ ހޯދާފަ އެވެ. އެހެންނަމަވެސް އޭގެފަހުން އެހީއަށް ބޭނުންވާ ޓެންޓް، މަދިރި ނެޓް، އަދި އެހެނިހެން ތަކެތީގެ އިތުރުން ކުޑަމިނުން އެތަނުގައި ތިބި ތުއްތު ކުދިންނަށް ކަ އެއްޗެއް ވެސް ދިއްކޮށްލާފައި ނުވާކަމަށް ހާލުގައި ޖެބިފައި ތިބި އާއިލާތަކުން ވަނީ ބުނެފަ އެވެ.
މަރުވި ތުއްތު ރާޒިއާގެ ބައްޕަ ހާލިދު ޙޯސޯ ބުނިގޮތުގައި އެމީހުންގެ ދަރިންތައް ބަލިވުމުން ކާ އެއްޗެއް ލިބޭތޯ މުޙްތިއާރްކާރްގެ އޮފިޝަލުންގެ ގާތަށް ގޮސް ވަނީ ސަލާންޖަހާފައެވެ. އެހެންނަމަވެސް ރާޒިއާ މަރުވިއިރުވެސް އެމީހުންގެ ކިބައިން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ.
ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި ގިނަ ބަޔަކަށް ވަނީ ތަޢައްޔަރުވެފައި ހުރި ފެން ބޯން މަޖުބޫރުވެފަ އެވެ. މިހާތަނަށް އެ ޤައުމުގައި ފުއްޕާމޭގެ ބަލިޖެހިގެން 132،485 ކޭސްވަނީ ރިޕޯޓުކޮށްފަ އެވެ. ބޭރަށް ހިންގުމުގެ 149،551 އަދި ހަމުގެ އިންފެކްޝަން ވެގެން 142،729 ކޭސްވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެއިތުން މަދިރީގެ ޒަރިއްޔާއިން ޖެހޭ މެލޭރިއާ އަދި ހަރުފަ ވިހަލުން އަދި ކުއްތާ ހަމަލާދީގެންނާއި ތަފާތު އެހެނިހެން ބަލިތަކުގައި ވެސް ވަނީ ގިނަ ބަޔަކު ރިޕޯޓުކޮށްފަ އެވެ.



