އިދިކޮޅު ޕީޕީއެމުން 10،000 މެންބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ އިސް ބޭފުޅުން ވަނީ ދެޕާޓީއަށް ނިސްބަތްވާ ސެނެޓަރުންނާއި، އާންމު މެންބަރުންނާއި އެކު އީސީގެ ރައީސް ފުއާދު ތައުފީގު އާއި ފޯމުތައް ހަވާލު ކޮށްފައެވެ.
ޕީޕީއެމުން ހުށަހެޅި 10،000 ފޯމަކީ އެޕާޓީއަށް މުޅިން އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކެވެ. އެއީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ފަރާތުން ފުރާފައިވާ ފޯމުތަކެވެ.
އެގޮތުން ހުރިހާ އިދާރީ ދާއިރާތަކަށް ވާދަކުރައްވާ ރައީސުންނާއި ނައިބު ރައީސުންގެ ކެންޑިޑޭސީ ބަލައިގަނެފައިވަނީ ޕާޓީއިން ކަނޑައަޅާފައިވާ އަދަދަށް ފޯމު ހުށަހަޅުއްވައިގެންނެވެ. އެއީ ދާއިރާއެއްގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 50 ފޯމު އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 25 ފޯމެވެ.



