ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން ނުލިބި ހުރި 15 ބިލިއަން ރުފިޔާ ހޯދާނެ ގޮތެއް ސަރުކާރަށް ނޭންގުނު ކަމަށާއި އޭގެން އެއްވެސް ފައިސާއެއް ހޯދާނެ ގޮތެއް ނޭންގޭ ހާލު ޓެކްސް ބޮޑު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވީ، އެމްއެމްޕީއާރުސީ ވައްކަން ކޮށްގެން ނެގި ލާރި ދައުލަތަށް ހޯދަން ސަރުކާރަށް ނޭންގުނު ކަމަށާއި ވެންޓިލޭޓަރުން ވައްކަން ކޮށްގެން ގެއްލުނު ލާރި ހޯދަންވެސް ނޭންގުނު ކަމަށެވެ.
“ އެސްއޯއީތަކުން ބޭކާރު ގޮތުގައި އިސްރާފުކުރާ އިސްރާފުކުރުން ހުއްޓުވާކަށް ނޭންގުނު، ފްލެޓްތަކާއި ބިންތަކުގެ ކުލި ދައުލަތަށް އަނބުރާ ނުލިބޭތީ އެލާރި އަނބުރާ ހޯދާކަށް ނޭންގުނު، އާސަންދަ އާއި އެންސްޕާ އިން ކުރާ އިސްރާފު ހުއްޓުވާކަށް ނޭންގުނު “ އިލްޔާސް ވިދާޅުވިއެވެ.
އަދި ކޮވިޑާއި ގުޅިގެން ބަންދު ކުރި ޝަންގުރިއްލާ ފަދަ ރިސޯޓްތައް އަލުން އޮޕަރޭަޝަނަށް ގެންނަންވެސް މިސަރުކާރަށް ނޭންގުނު ކަމަށާއި އެތަންތަނުން ވަޒީފާ ގެއްލުނު މީހުންނަށް އަނބުރާ ވަޒީފާގެ ފުރުސަތު ހޯދައިދޭންވެސް ނޭންގުނު ކަމަށް އިލްޔާސް ވިދާަޅުވިއެވެ.
“ ބަޖެޓްގައި ހިމެނޭ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ހިންގައިގެން ދައުލަތަށް އާމުދަނީ އިތުރުކުރާނެ ގޮތްތަކެއް ނޭންގުނު “ އިލްޔާސް ލަބީބު ވިދާޅުވިއެވެ.
އިލްޔާސް ލަބީބު ވިދާަޅުވީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމެއްގައި ރައްޔިތުންނާއި މަޝްވަރާނުކޮށް ޓެކްސް ބޮޑު ކުރަން ކުރާ މަސައްކަތް ވެސް ބަލައި ނުގަނެވޭނެ ކަމަށެވެ.



